ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ މީޑިއާ ވިލެޖުގެ މަސައްކަތްތައް އަންނަ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބާއްވާ “ޕްރެސަރ ވިތު ދަ ސްޕޮކްސް” ސިލްސިލާގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއު ކުރިއަށްދަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކުރިން ސިޓީ ހޮޓަލެއް ތަރައްގީކުރަން ފެށި އިމާރާތުގައެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، މީޑިއާތަކުން ބޮޑު ކުލީގައި އޮފީސްތައް ހިންގަން ޖެހުމަކީ މާލީ ގޮތުން ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، ކުޑަ އަގެއްގައި އޮފީހާއި ސްޓޫޑިއޯ ޖާގަ ލިބޭނެ ގޮތް ހެދުމަށް ތަރައްގީކުރާ މި ވިލެޖުގައި 34 ޖާގަ ހިމެނޭނެއެވެ. މީގެ ސަބަބުން މީޑިއާތަކަށް ލިބޭ އާމްދަނީން މީޑިއާ އިތުރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެއެވެ.
މަސައްކަތުގެ ދުވެއްޔާ ގުޅޭގޮތުން ތަރުޖަމާނު ވިދާޅުވީ، “އެންމެ ލަސްވެގެންވެސް ޖޫން މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ” ކަމަށެވެ. މަސައްކަތް ހަވާލުކޮށްފައި އޮތް ވުޒާރާއަށް ބަދަލުތަކެއް އައި ނަމަވެސް، އަމަލީ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް އައިސްފައި ނުވާކަމަށާއި، މިހާރު މަސައްކަތް އޮތީ ނިމުމާ ގާތްވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އިމާރާތަކީ “މަންހަޓަން ގްރޭންޑު” ގެ ނަމުގައި ތަރައްގީކުރާ ތަނަކަށްވާއިރު، އެތަނުގެ ވަކި ފަންގިފިލާތަކެއް ވަނީ ރައީސްގެ މުހިންމު ވައުދުތަކަކަށް ހާއްސަކޮށްފައެވެ. އެގޮތުން މީޑިއާ ވިލެޖުގެ އިތުރުން، ޒުވާނުންގެ މަރުކަޒަކާއި، މެޑިކަލް ކޮލެޖެއްގެ އިތުރުން ތަރިކަ ކޮލެޖެއްވެސް އެ އިމާރާތުގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.



