ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ގ.ލިފަދޫ، މުޙައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން، އެ މަރުޙޫމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، މުޙައްމަދު ރާމިޒަކީ ޤާނޫނު ހަދާ މަޖިލީހުގެ އިތުރުން ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސް ވަނީ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ގއ. ވިލިނގިލީ ދާއިރާގެ މެންބަރުކަން ކުރެއްވި ރާމިޒު އަވަހާރަވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާ އެކު ކަމަށް ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާމިޒަމީ އެ މަނިކުފާނާއެކު އެއް ފިކުރެެއްގައި ސިޔާސީ މަސައްކަތް ކުރެއްވި، ވަރަށް ޚިދުމަތްތެރި، ނުހަނު ސާދާ އަދި މަޑުމައިތިރި ކަމާއި ވިސްނުންތެރިކަމާއެކު ޢަމަލުތައް ބެހެއްޓެވި މެންބަރެއް ކަމަށެވެ.
އުމުރުފުޅުން 74 އަހަރުގައި މުޙައްމަދު ރާމިޒް އަވަހާރަވިއިރު، އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަޞުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.



