ނޭވާހިއްލުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކަށް ދެވޭ ކުއްލި ފަރުވާއާއެކު، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކުރެވޭ މަސައްކަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ނޭވާހިއްލުމުގެ ދުވަހާ ގުޅިގެން އައިޖީއެމްއެޗުން ބޭއްވި ސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ނޭވާހިއްލުމަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އާންމުވެފައިވާ ބައްޔެއް ކަމަށެވެ. އަދި ތިމާވެށި ތަޣައްޔަރުވުމަކީ މިފަދަ ބަލިތަކަށް މަގުފަހިވާ މައިގަނޑު އެއް ސަބަބުކަން ފާހަގަކުރައްވައި، ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރަމުން ދިޔަ ނަމަވެސް މި ދާއިރާއިން އަދިވެސް ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރިކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި ވަނީ ނޭވާހިއްލުމާ މެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ކުއްޖަކީވެސް ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ފުރުސަތު އޮތް ކުއްޖެއްކަން ކަށަވަރުކޮށްދިނުމަށް އޯގާތެރި މުޖުތަމަޢެއް ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
“އިންހޭލާ ބޭނުންކުރުމަކީ މައްސަލައެއް ނޫންކަން އޭގެ ބޭނުން ހިފަންޖެހޭ ކުދިންނާއި މީހުންނަށް ވިސްނައިދޭންޖެހޭ،” ސާޖިދާ ވިދާޅުވިއެވެ.
މިއަހަރުގެ ދުނިޔޭގެ ނޭވާހިއްލުމުގެ ދުވަހުގެ ޝިއާރަކީ ފަރުވާގައި އަދިވެސް ކޮންމެހެން ބޭނުންވާ އިންހޭލާއަށް އެންމެނަށް ވާޞިލުވެވުމެވެ.



