ޤައުމީ ކުތުބުޚާނާގެ ގޮފިތަކެއް އަތޮޅުތަކުގައި ޤާއިމްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 6 ރަށެއްގައި ކުތުބުޚާނާ ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ އެންމެ ބޮޑު މަޤްޞަދަކީ އަތޮޅުތަކުގައި ޒަމާނީ ލައިބްރަރީތައް ޤާއިމްކޮށް، އުނގެނުމާއި ދިރާސާކުރުމުގެ ޝައުގުވެރިކަން ޒުވާން ޖީލުތަކުގައި އަށަގެންނެވުން ކަމަށެވެ.
މި މަސައްކަތުގެ ދަށުން މިހާތަނަށް އިމާރާތުގެ މަސައްކަތް އެންމެ އަވަހަށް ކުރިއަށްގެންދެވޭނެ 6 ރަށެއް ވަނީ ފާހަގަކޮށްފައެވެ. އެ ރަށްތަކަކީ ހއ. އިހަވަންދޫ،ހއ. ކެލާ،ނ. ކެނދުކުޅުދޫ،އދ. މަންދޫ،ދ. މީދޫ އަދި ތ. ބުރުނި އެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ރަށްރަށުގައި ހުރި އިމާރާތްތައް ބަދަލުކޮށްގެން ލައިބްރަރީތައް ޤާއިމްކުރެވޭނެ ގޮތްތައް ބަލައި، ތަންތަނުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މީގެ އިތުރުން، ފުަވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި ޤައުމީ ކުތުބުޚާނާގެ ގޮފިތައް ބިނާކުރުމުގެ މަސައްކަތް މިހާރުވެސް ބާރުމިނެއްގައި ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ. މި ދެ ސިޓީގައި ލައިބްރަރީ އިމާރާތްކުރުމަށް ބިންގާ އަޅައި، އަމަލީ މަސައްކަތް ކުރިއަށްދާއިރު، މިއީ ރާއްޖޭގެ ކޮންމެ ރަށެއްގައި ނޭޝަނަލް ލައިބްރަރީގެ ގޮފިތައް ޤާއިމްކުރުމަށް ގެންގުޅޭ ތަޞައްވުރުގެ މުހިންމު ބައެއްކަމަށް ވަޒީރު ވިދާޅުވިއެވެ.



