މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން، މިނާގައި ދިވެހި ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ޓެންޓުތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ދިވެހި ހައްޖު މިޝަނުން ބަލައި ފާސްކޮށްފިއެވެ. މި ޒިޔާރަތުގައި ހައްޖު މިޝަންގެ މެންބަރުން ވަނީ ޓެންޓުތަކުގެ އިންތިޒާމުތަކާއި، ހައްޖުވެރިންނަށް ބޭނުންވާނެ ވަސީލަތްތައް ހުރި ގޮތް ވަރަށް ގާތުން ބައްލަވާފައެވެ.
މިއަހަރުވެސް ދިވެހި ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވަނީ ނިމިދިޔަ އަހަރުވެސް ދިވެހިން ތިބި ސަރަހައްދުގައެވެ. މި ސަރަހައްދަކީ ހައްޖުވެރިންނަށް ބޭނުންވާނެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ. ޓެންޓުތަކުގެ މައިގަނޑު އޮނިގަނޑުގެ މަސައްކަތްތައް މިހާރު ނިމިފައިވާއިރު، ހައްޖުވެރިން އައުމުގެ ކުރިން ނިންމަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
މިއަހަރުގެ އިންތިޒާމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ދިވެހި ހައްޖުވެރިން ތިބޭ ސަރަހައްދުގައި ފާހާނާގެ ހިދުމަތް ވަރަށް ބޮޑަށް އިތުރުކޮށްފައިވުމެވެ. އެގޮތުން ކުރީ އަހަރުތަކާ އަޅާބަލާއިރު ފާހާނާގެ އަދަދު ހަތަރު ގުނަ އިތުރުކޮށް، ޖުމްލަ 64 ފާހާނާ މިހާރު ވަނީ ގާއިމުކޮށްފައެވެ. މިއީ ހައްޖުވެރިންނަށް މިނާގައި ހޭދަކުރާ ދުވަސްތަކުގައި ލުއިފަސޭހަކަން ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ދިވެހި ހައްޖުވެރިންނަށް ހާއްސަކުރެވިފައިވާ މި ސަރަހައްދަކީ ދަތުރުފަތުރުގެ ގޮތުން ފަސޭހަ އަދި ޖަމްރާތަކަށް ހިލަ އުކުމަށް ދިއުމަށްވެސް ކައިރި ސަރަހައްދެކެވެ. މި ޒިޔާރަތުގެ ތެރެއިން ހައްޖު މިޝަނުން ވަނީ ސައުދީގެ މުތައްވިފް ކުންފުންޏެއް ކަމަށްވާ “ރަވާފް މިނާ” އާ ބައްދަލުކޮށްފައެވެ. އެ ކުންފުނިން ވަނީ ދިވެހި ހައްޖުވެރިންނަށް ހައްޖުގެ ދަތުރުގައި އެންމެ ފުރިހަމަ ހިދުމަތާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.



