އެމްއެންޑީއެފް ސަރވިސް ކޯރގެ ދަށުން އަލަށް އުފެއްދި “ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް” ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ސްކޫލް ހުޅުއްވައިދެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމީ ޖަލްސާގެ ތެރެއިންނެވެ. ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ މި މަރުކަޒަކީ ސިފައިންގެ ފަންނީ ހުނަރާއި ޢިލްމީ ޤާބިލުކަން ތަރައްޤީކުރުމަށް އެޅުނު ތާރީޚީ ބިންގަލެއްގެ ގޮތުގައި ދިފާޢީ ވުޒާރާއިން ސިފަކުރެއެވެ.
މިއީ ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށްޓަކައި ރާއްޖޭގައި އަސްކަރިއްޔާއިން އިސްނަގައިގެން އުފެއްދި މިފަދަ ފުރަތަމަ ތަމްރީނު ސްކޫލެވެ. ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ސްކޫލުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ފައްޓަވާފައިވާ “ދިވެހި ވަޠަނީ ޚިދުމަތް” މަޝްރޫޢުގެ ދަށުން ބޭނުންވާ ފަންނީ ތަމްރީނުތައް ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ. މިހާރުވެސް ރާއްޖޭގެ 35 ރަށަކުން ޖުމްލަ 65 ދަރިވަރުން މި ސްކޫލުގައި ތަމްރީނު ހޯދަމުންދާއިރު، އޭގެ ތެރޭގައި 49 ފިރިހެން ކުދިންނާއި 16 އަންހެން ކުދިން ހިމެނެއެވެ.
މި ސްކޫލުގައި ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި އޮޓޯމޮބައިލް އަދި މެރިން އިންޖިނިއަރިންގ، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިންގ އަދި އޮފީސް މެނޭޖްމަންޓް ހިމެނެއެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ލެވެލް 3 ގެ ފެންވަރަށް ކުރިއަށްގެންދާ މި ހަތަރު މަސްދުވަހުގެ ކޯސްތަކަކީ ދަރިވަރުން ވަޒީފާގެ ބާޒާރަށް ފުރިހަމައަށް ތައްޔާރުކޮށްދޭނެ ތަމްރީނުތަކެއް ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ. މީގެ ސަބަބުން ޒުވާނުންނަށް އަމަލީ މަސައްކަތުގެ މައިދާނުގައި ބޭނުންވާ މުހިންމު ހުނަރުތައް ލިބިގެންދާނެއެވެ.
ސިފައިންގެ އަހަރީ ދުވަހުގެ މި ޖަލްސާގައި ރާއްޖޭގެ އަސްކަރިއްޔާގައި ގިނަ ދުވަހު އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގުވަޒަންކޮށް މެޑަލްވެސް ވަނީ އަރުވާފައެވެ.



