ޒަމާނީ ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވަމުންދާ އައު ނުރައްކާތަކާމެދު ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވީ، ކުޑަކުދިންގެ ހައްގުތަކަށް ރައްކާތެރިވުމަށާއި، އެކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތައް އާލާކޮށް ދިރުވުމަށް މިއަދަކީ ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ކުދިން ހެދިބޮޑުވަމުންދާއިރު އާއިލާގެ ތެރެއިންނާއި ސުކޫލު މާހައުލުން އޯގާތެރިކަމާއި ލޯބި ލިބުމަކީ ކޮންމެ ބޮޑު މީހެއްގެ ވާޖިބެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޮންލައިން ދުނިޔޭގައި ކުޑަކުދިންނަށް އައު ނުރައްކާތައް ކުރިމަތިވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ތައުލީމާއި މުނިފޫހިފިލުވުމަށް ކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ބައެއް ކުދިންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. “މިއީ މިފަދަ ދުވަހެއްގައި ކުޑަކުދިންގެ ޙައްޤުގައި މުދައްރިސުންނާއި ބެލެނިވެރިން، އާ ވިސްނުންތަކެއް ވިސްނަންޖެހޭ ދުވަހެއް،” ރައީސް ވިދާޅުވިއެވެ.
ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކުދިންނަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރި، އަހުލާގު ރަނގަޅު ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ކޮންމެ ކުއްޖަކަށް ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ފަރުވާ ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އިސް ސިޔާސަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސްގެ ހިތާބު ނިންމަވާލެއްވީ ދިވެހި ހުރިހާ ކުޑަކުދިންނަށް އުފާވެރި އަދި ކާމިޔާބު މުސްތަގުބަލަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ގައުމުގެ ތަރައްގީގައި މިއަދުގެ ކުޑަކުދިންގެ ހިއްސާ މާދަމާ ލިބޭނެ ކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



