މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ގުޅިގެން މި މަހުގެ 7 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގއ. ވިލިނގިލި، އެދުރުގެ، އުމުރުން 35 އަހަރުގެ މުޙައްމަދު ފައުޒާން އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 29 އަހަރުގެ ޒާކިރު ހޮސައިންއެވެ. މި ދެ މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ.
ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޒާކިރު ހޮސައިން 15 ދުވަހަށް އަދި މުޙައްމަދު ފައުޒާން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



