މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތައާރަފުކޮށްފައިވާ ”ސީ-ޓު-އެއާ“ ކާގޯ ހިދުމަތަށް ބައިނަލްއަގުވާމީ މާކެޓުގައި ބޮޑު ތަރުހީބެއް ލިބެމުންދާކަން އެ ކުންފުނިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ހިދުމަތަކީ ރާއްޖެއަކީ ބައިނަލްއަގުވާމީ ލޮޖިސްޓިކްސް ހަބަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި، ނިމިދިޔަ މާޗް މަހުގެ ތެރޭގައި އެކަނިވެސް ދުނިޔޭގެ ފަސް ގައުމަކަށް އަމާޒުކޮށް 37 ޓަނަށް ވުރެ ގިނަ މުދާ މި ހިދުމަތުގެ ދަށުން ވަނީ އުފުލާފައެވެ. މި މުދާތައް އެކި މަންޒިލްތަކަށް ފޯރުކޮށްދީފައިވަނީ ބައިނަލްއަގުވާމީ މަޝްހޫރު ހަތަރު އެއާލައިނެއް މެދުވެރިކޮށެވެ.
2024 ވަނަ އަހަރުގެ މެއި މަހު ރަސްމީކޮށް ފެށި މި ހިދުމަތަކީ، ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ވައިގެ މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވައިދޭ ހަރުދަނާ ނިޒާމެކެވެ. މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އާ އާމްދަނީގެ ދޮރުތައް ހުޅުވި، ދުނިޔޭގެ ވިޔަފާރި ޗޭނުގައި ރާއްޖޭގެ ދައުރު ކުރިއަށްވުރެ ބޮޑަށް ފުޅާވެގެން ގޮސްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާ އާ ކާގޯ ޓާމިނަލްގެ އެހީތެރިކަމާ އެކުގައެވެ. އަހަރަކު 120,000 ޓަނުގެ މުދާ މެނޭޖްކުރުމުގެ ގާބިލުކަން ހުރި މި ޒަމާނީ ޓާމިނަލްގެ ސަބަބުން، މުދާ ބޭރުކުރުމުގެ މަރުހަލާތައް އަވަސްވެ، ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދަނީ ލިބެމުންނެވެ.



