ދިވެހިރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި، އެފަދަ މަޢުލޫމާތު ޕްރޮސެސްކޮށް ބޭނުންކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި “ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު” ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު އަލީ އިބްރާހިމެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ އުސޫލުތައް ކަނޑައަޅައި، މަޢުލޫމާތު ނިސްބަތްވާ ފަރާތްތަކުގެ ޙައްގުތައް ކަށަވަރުކުރުމެވެ. މީގެ އިތުރުން މަޢުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ބަޔާންކޮށް، ބޭރު ޤައުމުތަކާއި ބައިނަލްއަގުވާމީ އިދާރާތަކަށް މަޢުލޫމާތު ބަދަލުކުރުމުގައި އަމަލުކުރާނެ ކްރޮސްބޯޑަރ އުސޫލުތަކެއްވެސް މި ބިލުގެ ދަށުން ތައާރަފުކުރެވޭނެއެވެ.
މި ޤާނޫނު ތަންފީޒުކުރުމަށްޓަކައި ޕްރައިވަސީ ކޮމިޝަނަރެއްގެ ދައުރު އުފެއްދުމަށް ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ޕްރައިވަސީ ކޮމިޝަނަރުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ ދަށުން އައްޔަންކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ޑޭޓާ ކޮންޓްރޯލްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުން ވަކި ހާލަތްތަކެއްގައި ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން އައްޔަންކުރަން ޖެހޭނެއެވެ. އަދި ޑޭޓާ ބްރީޗެއް ނުވަތަ މަޢުލޫމާތު ލީކުވުމެއް ފަދަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ތަފްސީލީ އުސޫލުތަކާއި، ރެކޯޑުތައް ބަލަހައްޓަންޖެހޭ ގޮތްތައްވެސް މި ބިލުގައި ވަނީ ވަރަށް ސަރީހަކޮށް ހިމަނާފައެވެ.



