އޮންލައިން ނޫސް “އަދަދު” އިން ނެރުނު ވީޑިޔޯއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ދިވެހި ހުރިހާ ރައްޔިތުން ތަބާވުން ލާޒިމުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި، އެ މައްސަލާގައި ހިމެނޭ ވީޑިޔޯ ފެތުރުމާއި އޭގައި ހުރި ވާހަކަތައް އާންމުކޮށް ދެއްކުން ވަނީ މަނާކޮށްފައެވެ. ނަމަވެސް، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި “އަދަދު” ނޫހުގެ ނޫސްވެރިޔަކު ވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ރައީސާ ސުވާލުކޮށްފައެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތެރޭގައި ކޯޓު އަމުރަކާ ހިލާފުވުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، އެ ނޫސްވެރިޔާ މާލަން ދޫކޮށް ދިއުމަށް ރައީސް އެދިވަޑައިގަތެވެ.
ކޯޓުން ނެރެފައިވާ “ގެގް އޯޑަރ” އަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ތިން ބާރު ވަކިވެފައި އޮތް ނިޒާމެއްގެ ތެރެއިން ޝަރުއީ ދާއިރާއިން ކުރާ މަސައްކަތްތަކަށް އެންމެން އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ. އަދި އެ އަމުރަށް ތަބާވުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް ލާޒިމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރަށް އެހެން އެއްވެސް ގައުމެއްގައި އެ ފުރުސަތު ނެތް ކަމަށެވެ. ނަމަވެސް، އެ މިނިވަންކަން ބޭނުންކުރަންވާނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތަކުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ނޫސްވެރިކަމުގެ ފާހަކީ މީހުންގެ އަބުރަށް އަރައިގަތުމަށް ދީފައިވާ ލައިސެންސެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނާ ހިލާފު ކަންކަމާއި ގާނޫނުއަސާސީން ހުއްދަނުކުރާ ކަންކަން ކުރުމުގެ ޖާގަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ނުލިބޭނެކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
މި ސަރުކާރުން ނޫސްވެރިންނަށް ފާޑުކިޔުމުގެ ފުރިހަމަ މިނިވަންކަން ދީފައިވާކަން ފާހަގަކުރައްވަމުން، މިހާތަނަށް އެއްވެސް ނޫސްވެރިޔަކަށް ނުވަތަ އާންމު ރައްޔިތަކަށް ފާޑުކިޔުމުގެ ސަބަބުން ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



