ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒް އާއި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަން ގުޅިގެން އިންތިޒާމްކުރި ޚާއްޞަ ބަހުސް ސެޝަނެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސްގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ދެންނެވީ ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒްގެ ރައީސާ މަރިޔަމް ނިޔާން އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަންގެ ރައީސާ އާމިނަތު ޒީނިޔާއެވެ.
“ދިވެހިރާއްޖޭގައި ނަރުސްކަމުގެ ދާއިރާއިން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް ފުރުސަތު އެބައޮތެވެ” މި މައުލޫއަށް ކުރިއަށްދިޔަ މި ބަހުސްގައި ދެ ޓީމަކުން ވަނީ ވާދަކޮށްފައެވެ. އެގޮތުން ޓީމް-އޭ އިން މައުލޫއާ އެއްކޮޅަށް ވާހަކަދެއްކިއިރު، ޓީމް-ބީ އިން ބަހުސްކުރީ މައުލޫއާ ދެކޮޅަށެވެ.
މި ސެޝަންގައި ރާއްޖޭގެ ނަރސިންގް ދާއިރާ އިތުރަށް ފުޅާކުރުމާއި، އާ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ދާއިރާގެ ޢިލްމީ އަދި ޢަމަލީ ތަޖުރިބާކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. މި ބަހުސް ބައްލަވާލެއްވުމަށް ސިއްހީ ދާއިރާގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހެވެ.



