މާލެ ސަރަހައްދުގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މިވަގުތަށް ބިން ލިބިފައިވަނީ 10,700 ފްލެޓް އެޅޭ މިންވަރަށް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މީގެ ތެރެއިން 3,260 ފްލެޓެއްގެ އަމަލީ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ އެލްއޯސީގެ ދަށުން ގުޅީފަޅުގައި އަޅާ 4,000 ހައުސިން ޔުނިޓާއި، ބޭންކް އޮފް މޯލްޑިވްސްގެ ފަންޑުގައި އަޅާ 540 ޔުނިޓާއި، ސައުދީ ފަންޑުގެ އެހީގައި އަޅާ 400 ފްލެޓް ހިމެނެއެވެ. މީގެ އިތުރުން އިންޓްރެސްޓް ފްރީ ލޯނެއްގެ ދަށުން 500 ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ހުރިހާ މަޝްރޫއުތަކަކަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން އިތުރަށް ތައްޔާރުވަމުންދަނީ ހިލޭ ބިން ދީގެން، ކޮންޓްރޯލް އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން 2,000 ފްލެޓް އެޅުމަށެވެ. މި މަޝްރޫއު ހިންގުމަށް ގިނަ އަދަދެއްގެ ދިވެހި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެކަމާ ގުޅޭ ހުށަހެޅުންތައް މިހާރު ވަނީ އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައެވެ. މީގެ އިތުރުން 1,000 ފްލެޓް އެޅުމުގެ އިތުރު މަޝްވަރާތަކެއްވެސް ދަނީ ކުރެވެމުންނެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި އިމާރާތްތައް އުސްކުރެވޭ މިންވަރަށް ބަދަލުތަކެއް އައިސްފައިވާތީ، އިތުރު ބިން ހޯދުމަށް އެޗްޑީސީއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.



