ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ނުވަތަ ކޯރަމް ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ. އާންމުކޮށް ހެނދުނު 9:00 ގައި ފަށާ މަޖިލީހުގެ ޖަލްސާ، މިއަދު ކޯރަމް ހަމަނުވުމުގެ ސަބަބުން ފުރަތަމަ ނިންމީ 10:00 އަށް ފަސްކުރުމަށެވެ. ނަމަވެސް އެ ވަގުތު ޖެހުނުއިރުވެސް ޖަލްސާ ކުރިއަށް ގެންދެވޭ ވަރަށް މެންބަރުން ހާޒިރުވެފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ޖަލްސާ ފަށާ ވަގުތު 10:00 އަށް ބަދަލުކުރުމުންވެސް ކޯރަމް ހަމަވެފައި ނުވާތީ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން 93 މެންބަރުން ހިމެނޭ 20 ވަނަ މަޖިލީހުގެ ޖަލްސާއެއް ފެށުމަށް ބޭނުންވާ ގާނޫނީ އަދަދަކީ ޖުމްލަ މެންބަރުންގެ 25 އިންސައްތައެވެ. އެއީ މަދުވެގެން 23 މެންބަރުންނެވެ. މިއަދުގެ ޖަލްސާ ކެންސަލްކުރަން ޖެހުނީ މަޖިލީހުގެ ތަޅުމަށް މި އަދަދަށް މެންބަރުން ހާޒިރުވެފައި ނުވާތީއެވެ.
މިއަދުގެ ޖަލްސާ ކެންސަލްކުރުމާ ގުޅިގެން ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާއެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މިހާރު ކުރިއަށްދާ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް ހަމަޖެހިފައިވަނީވެސް މާދަމާގެ ޖަލްސާއަށްފަހުގައެވެ.



