ރާއްޖޭގައި ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ހަނިކުރަމުން ނުދާކަމަށާއި، މިއަދު ފެންނަނީ އެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް އަރައިގަންނަ މަންޒަރު ކަމަށް މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވީ “އަދަދު” ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓު އަމުރާ ހިލާފުވި މައްސަލައިގައި އެ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ހުކުމް ކުރުމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަނެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.
“މިއަދު މިއުޅެނީ މި ޙައްޤުތައް އޭގެ އެއްވެސް ޙައްދެއް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޛްފު ކޮށްގެން،” ހީނާ ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ނަފާ ހޯދުމަށް ދޮގު އިލްޒާމް އެޅުވުމަކީ ރޯވަމުންދާ އަލިފާންގަނޑެއް ފަދައިން ފެތުރެމުންދާ ނުރައްކާތެރި ކަމެކެވެ.
ނޫސްވެރިންނަށް ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު ފަހިވެފައިވާކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ، ކޯޓު އަމުރަކާ ހިލާފުވާން ފުރުސަތު ދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށްވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ގައުމުގައި ހެދިފައިވާ ގާނޫނުތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށާއި، ގާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހީނާގެ ވާހަކަ ނިންމަވާލެއްވީ ޒިންމާދާރުކަމާއެކު މިނިވަންކަމުގެ ބޭނުން ހިފުމަށް އިލްތިމާސް ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ ޒާތީނުވެ، ދޮގު ނަހަދައި އަދި މީހުންގެ އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔައި ޒިންމާދާރު ކުރެވޭނެ ކަމަށެވެ.



