ސީޝެލްސްގެ މިނިސްޓަރ ފޯ ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ، ސިލްވެސްޓްރޭ ރެޑެގޮންޑޭ (ބެރީ ފޯ) ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ ސީޝެލްސްގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުންތަކުގައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ދާއިރާތަކުން ދެ ގައުމުން ޝައުގުވެރިވާ މުހިންމު ކަންކަމަށް އަލިއަޅުވާލާނެއެވެ.



