ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ އިދާރާއަށް މިއަދު ހުށަހަޅައިފިއެވެ. މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ނާޒިމް ވަކިކުރުމުގެ ރާރު ހުށަހެޅުމަށް 40 އަށް ވުރެ ގިނަ މެމްބަރުން ސޮއިކުރައްވާފައިވާއިރު، މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ނައިބު ރައީސް ވަކިކުރުމުގެ މައްސަލައެއް ހުށަހެޅޭނީ މަދުވެގެން 24 މެމްބަރުންގެ ސޮޔާއެކުގައެވެ.
ނާޒިމްއާ މެދުގައި ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި ނުތަނަވަސްކަން އުފެދުނީ، ޕީއެންސީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށްލުމާ ގުޅިގެންނެވެ. މީގެ އިތުރުން، މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީން ވެސް މިދިޔަ މަހުގެ ފަހުކޮޅު އޭނާ ވަނީ ވަކިކޮށްފައެވެ. ނަމަވެސް ނާޒިމް ވިދާޅުވެފައިވަނީ އެ ކޮމިޓީތަކުން ވަކިވީ ވަގުތު ނުދެއްވޭތީ އަމިއްލައަށް އެދިގެން ކަމަށެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން ޖަވާބުދާރީވުމަށް ނައިބު ރައީސަށް 15 ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވާނެއެވެ. އަދި މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ. މަޖިލީހުގެ 93 މެމްބަރުންގެ ތެރެއިން 74 މެމްބަރުންނަކީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންނެވެ.
ނާޒިމް މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ.



