މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ ފުރަތަމަ ގުރޫޕު މާދަމާ މެންދުރުފަހު ފުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމަށް ވާންޖެހޭ އެންމެހާ އިންތިޒާމުތައް މިހާރު ފުރިހަމަކޮށް ނިމިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
މާދަމާ މެންދުރުފަހު 15:25 ގައި ސަޢުދީ އެއާލައިނުން ފުރާ މި ފްލައިޓުގައި 235 ޙައްޖުވެރިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުވެސް ދިވެހި ޙައްޖުވެރިންގެ ދަތުރުތައް ކުރިއަށްދާނީ “މައްކާ ރޫޓު އިނީޝިއޭޓިވް” ގެ ދަށުންނެވެ. މި އިންތިޒާމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރިހަމަކުރަންޖެހޭ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި، ޙައްޖުވެރިން މައްކާއަށް ދިއުމުގެ ކުރިން އެ ސިޓީގައި ފުރިހަމަ ކުރަންޖެހޭ ހޮޓަލުގެ އިންތިޒާމުތަކާއި، އެތެރޭގެ ދަތުރުފަތުރުގެ އިތުރުން މިނާއާއި ޢަރަފާތުގައި ވާންޖެހޭ ތައްޔާރީތައް މުޠައްވިފުންނާ ގުޅިގެން މިހާރު ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ދިވެހި ޙައްޖު މިޝަނުން އަންނަނީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ ވުޒާރާއާ ބައްދަލުކޮށް، ޙައްޖުވެރިންނަށް ބޭނުންވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ. މި މަސައްކަތްތައް ދިވެހި ޙައްޖު މިޝަނުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.



