އިޒްރޭލުގެ ސިފައިންގެ ހިމާޔަތުގައި އެ ގައުމުގެ އޮފިޝަލުންނާއި ވަޒަންވެރިން މަސްޖިދުލް އަގްސާގެ ހަރަމްފަސްގަނޑަށް ވަދެގަތް ވަދެގަތުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އުދުވާނީ އަމަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ނަމާދުކުރާ މީހުންނަށް މިސްކިތަށް ނުވަދެވޭ ގޮތަށް ހުރަސްތައް ކުރިމަތިކުރުމަކީ އެތަނުގެ މުގައްދަސްކަމާއި، ގާނޫނީ ހައިސިއްޔަތުގެ އިތުރުން ތާރީހީ މުހިންމުކަން ނަގާލުމަށް ގަސްތުގައި ހިންގާ އަމަލެއް ކަމަށެވެ. އިޒްރޭލުން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާތީ ދިވެހި ސަރުކާރުން ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ.
ދިވެހި ސަރުކާރުން ވަނީ އިޒްރޭލު ޒިންމާދާރު ކުރުވުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައުން އަވަސް އަދި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށާއި އިސްލާމީ މުގައްދަސް ބިނާތައް ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރުމަށް ވެސް ވަނީ ބާރުއަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު އެ ރައްޔިތުންނާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.



