ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރުސީ) ގައި އަލަށް ފެތުރެން ފެށި އެބޯލާ ބަލީގައި މިހާތަނަށް މަދުވެގެން 80 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. ސިއްހީ މާހިރުން މިހާރު ދަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކޮންޓެކްޓް ޓްރޭސިންގް އާއި ސްކްރީން ކުރުމުގެ މަސައްކަތްތައް ވަރުގަދަ ކުރަމުންނެވެ.
ކޮންގޯގެ އިރުމަތީ ސަރަހައްދުތަކުން މިހާތަނަށް 250 އެއްހާ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭއިރު، އަވަށްޓެރި ޔުގެންޑާއިން ވެސް މި ބަލީގައި މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. މިއާއެކު މި ބަލި އިތުރު ގައުމުތަކަށް ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ކޮންގޯގެ ހެލްތު މިނިސްޓަރު ސެމިއުލް ރޮޖާ ކަމްބާ ހޮނިހިރު ދުވަހު ވިދާޅުވީ، މިފަހަރު ފެތުރެމުންދަނީ ‘ބުންޑިބުގްޔޯ’ ސްޓްރެއިން ކަމަށާއި، މިއީ ވެކްސިނެއް ނުވަތަ ވަކި ހާއްސަ ފަރުވާއެއް އޮތް ބައެއް ނޫން ކަމަށެވެ.
“މި ސްޓްރެއިން އަކީ މަރުވުމުގެ ފުރުސަތު ވަރަށް ބޮޑު އެއްޗެއް. މިއީ ގާތްގަނޑަކަށް 50 އިންސައްތަ މަރުވުމުގެ ފުރުސަތު އޮންނަ ބައްޔެއް،” މިނިސްޓަރު ވިދާޅުވިއެވެ.
މިއީ އެ ގައުމުގައި އެބޯލާ ފެތުރޭ 17 ވަނަ ފަހަރެވެ. މި ބަލި ފުރަތަމަ ފެނިފައިވަނީ ޔުގެންޑާ އާއި ސައުތު ސޫދާނާ ބޯޑަރު ހިއްސާކުރާ އިޓޫރީ ޕްރޮވިންސުންނެވެ. މި ބަލި ފުރަތަމަ ޖެހުނު ކަމަށް ބެލެވެނީ އެ ސަރަހައްދުގެ މައި ސިޓީ ކަމަށްވާ ބޫނިއާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ނަރުހަކަށެވެ.
އެފްރިކާ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ވަނީ މި ބަލި ހަލުވިކަމާއެކު ފެތުރިދާނެ ކަމުގެ އިންޒާރު ދީފައެވެ. އެއީ ބަލި ފެނުނު ސަރަހައްދުތަކަކީ މީހުން ގިނަ ސަރަހައްދުތަކަކަށް ވުމާއި، އަވަށްޓެރި ގައުމުތަކުގެ ބޯޑަރާ ކައިރިވުމުންނެވެ.



