ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށައިފިއެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނި ގޮތުގައި، ގިނަ ރަށްރަށުގައި މި ރަސްމިއްޔާތުތައް މިއަދު ހެނދުނު 9:00 ގައި އެއްވަގުތެއްގައި ކުރިއަށް ގެންގޮސްފައިވާއިރު، ބައެއް ސިޓީތަކާއި ރަށްރަށުގައި މި ރަސްމިއްޔާތުތައް މިއަދުގެ އެކި ގަޑިތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކަށް އިންތިޚާބުކުރަންޖެހޭ 678 މެންބަރުންގެ ތެރެއިން 676 މެންބަރުން މިއަދު ހުވާކޮށްފައިވާ ކަމަށް އެލްޖީއޭއިން މަޢުލޫމާތުދެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވި 673 މެންބަރުންގެ ތެރެއިން 662 މެންބަރުން މިއަދު ވަނީ އިޤްރާރުގައި ސޮއިކޮށްފައެވެ. މިއަދު ހުވާނުކުރާ މެންބަރުން ހުވާކުރުމުގެ އިންތިޒާމު ފަހުގެ ތާރީޚެއްގައި ހަމަޖައްސާނެ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
ހުވާކުރުމުގެ ރަސްމިއްޔާތުތަކަށްފަހު، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ކައުންސިލްތަކުގެ ނައިބު ރައީސުންނާއި ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުން ހޮވުމުގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިއީ އައު ދައުރުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތެވެ.
މިއަދު މަސައްކަތް ފަށާ އައު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރަކީ 5 އަހަރު ދުވަހެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްދާ މި މަސައްކަތަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ލާޒިމުކުރާ ކަމެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ކައުންސިލަރުން ހުވާކޮށްފައިވަނީ 2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ.



