ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރި ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް ފިންލޭންޑްގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. މި މަހުގެ 14 ވަނަ ދުވަހު އިޓަލީގެ ފަސް ފަތުރުވެރިން ޑައިވިންއަށް ފޭބި ފަހުން އޭގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ކަނޑުގެ 60 މީޓަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ބައިނަލްއަގުވާމީ އެހީތެރިކަމާ އެކުގައެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ރާއްޖެ އައިސްފައިވަނީ ޑީޕް ކޭވް ޑައިވިންގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފިންލޭންޑްގެ ތިން ތަޖުރިބާކާރުން ހިމެނޭ ޓީމެއް ކަމަށެވެ. މި ޓީމަކީ އިޓަލީ ސަރުކާރުން ހަމަޖައްސާފައިވާ “ބޭން” ކިޔާ ކުންފުންޏަކަށް ނިސްބަތްވާ ބައެއް ކަމަށާއި، މި ފަރާތްތައް ހޮވާފައިވަނީ އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ އަދި އެމެރިކާ ފަދަ ގައުމުތަކުގެ މަޝްވަރާއާ އެކު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އޮޕަރޭޝަނަކީ ނުހަނު ނުރައްކާތެރި “ހައި ރިސްކް” މަސައްކަތެއްގެ ގޮތުގައި އެމްއެންޑީއެފުން ވަނީ ސިފަކޮށްފައެވެ. މި އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުން ދިޔަ ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ. މަހުދީގެ ވަކިވުމާ ގުޅިގެން ވަގުތީ ގޮތުން މެދުކަނޑާލި އޮޕަރޭޝަން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަލަށް އައި ތަޖުރިބާކާރުންނާއި ކޯސްޓްގާޑުގެ ޑައިވަރުން ގުޅިގެންނެވެ.
ގެއްލިފައިވާ ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަކީ ކަނޑުގެ ވަރަށް ފުން ހިސާބެއް ކަމުން، ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓެކްނިކަލް ސަޕޯޓާއެކު މި އޮޕަރޭޝަން އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. މި ހާދިސާ ހިނގާފައިވަނީ އެއްވެސް ދިވެހި ޑައިވަރަކާ ނުލައި ފަތުރުވެރިން ޑައިވިންއަށް ގޮސް އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.



