ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް އުވިގެން ދިއުމާ ގުޅިގެން، ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިދާރީ އޮފީހެއް ގާއިމްކުރުމަށް ސަރުކާރުން ނިންމައިފި އެވެ. މި ބަދަލާ އެކު އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ދެން ހިދުމަތް ދޭނީ އެލްޖީއޭގެ އަތޮޅު އޮފީސްތަކުންނެވެ.
ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އާއިޝަތު އިކުރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި ސިޓީއެއްގައިވާ ގޮތުން، މި އޮފީސްތަކަށް ކިޔާނެ ރަސްމީ ނަމަކީ “ލޯކަލް ގަވަމަންޓް އޮތޯރިޓީ – (އަތޮޅުގެ ނަން) އޮފީސް” އެވެ. މިސާލަކަށް “ލޯކަލް ގަވަމަންޓް އޮތޯރިޓީ – ބ. އަތޮޅު އޮފީސް” މިފަދައިން ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
އަތޮޅު ކައުންސިލްތަކުގައި މިހާރު ތިބި މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތުގެ އިރުޝާދު ވެސް ރައީސް އޮފީހުން ވަނީ ދީފަ އެވެ. އެގޮތުން އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެހެން ކަންކަން ހަމަޖެއްސުމަށް ރައީސް ވަނީ އަންގަވާފަ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު އަތޮޅު ކައުންސިލްތަކުގެ ދައުރު އިއްޔެއަށް ވަނީ ހަމަވެފަ އެވެ. މި ބަދަލަކީ އިދާރީ ހިންގުން ހަރުދަނާކުރުމަށް ގެނައި ބަދަލެއް ކަމަށް ސަރުކާރުން ބުނެ އެވެ. މީގެ އިތުރުން، އިއްޔެ ވަނީ އަލަށް އިންތިހާބުވި ރަށު ކައުންސިލަރުންނާއި ސިޓީ ކައުންސިލަރުން މަގާމުގެ ހުވާ ވެސް ކުރައްވާފަ އެވެ.



