ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ފާރޫޤް އަޙްމަދަކީ ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީ ހިންގުމުގެ އެކި މަޤާމުތަކުގައި ފާހަގަކޮށްލެވޭ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. ފާރޫޤް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނު ވަނީ މަރްޙޫމްގެ ޢާއިލާއަށާއި ފުވައްމުލަކުގެ ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކުރައްވާފައެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފާރޫޤް އަޙްމަދަކީ ދިވެހި އަދަބިއްޔާތަށާއި ތާރީޚަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، ތަޖުރިބާކާރު އަގުހުރި ޝަޚްސިއްޔަތެކެވެ.
“އަޅުގަނޑުމެންނާ އެ ވަކިވެވަޑަައިގަތީ، ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށްވެސް ގިނަގުނަ ޚިދުމަތްކުރެއްވި ތަޖުރިބާކާރު އަގުހުރި ޝަޚްސިއްޔަތެއް،” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމް ފާރޫޤް އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.



