މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި ހޮހަޅައެއްގެ ތެރޭގައި މަރުވެފައި ތިއްބާ ފެނުނު ހަތަރު ޑައިވަރުންގެ ހަށިގަނޑުގެ ތެރެއިން ދެ ހަށިގަނޑެއް މާދަމާގެ ވަގުތެއްގައި ނެގުމަށް ނިންމައިފިއެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ތަޖުރިބާކާރުންގެ ލަފާގެ މަތިން މި މަސައްކަތް ކުރިއަށް ގެންދާނީ ބައިބަޔަށް ބަހާލައިގެން ކަމަށެވެ.
މި އޮޕަރޭޝަނުގައި ހަރަކާތްތެރިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބު ރެސްކިއު އޮޕަރޭޝަންތަކުގައި ބައިވެރިވެފައިވާ ޑޭން ޔޫރަޕްގެ ތަޖުރިބާކާރު ޓީމެކެވެ. ތަޖުރިބާކާރުން ލަފާދީފައިވަނީ ހަތަރު ހަށިގަނޑު އެއްފަހަރާ ނެގުމުގެ ބަދަލުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވަކިވަކިން އެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
މުންދު ވިދާޅުވި ގޮތުގައި، އިޓަލީގެ މި ފަތުރުވެރިން ފެނިފައިވަނީ ފިންލެންޑްގެ ތިން ތަޖުރިބާކާރު ޑައިވަރުން ކުރި ބުރަ މަސައްކަތުންނެވެ. މި ހަތަރު ހަށިގަނޑު ވެސް ފެނިފައިވަނީ 200 ފޫޓަށް ވުރެ ދިގު އެ ހޮހަޅައިގެ އެންމެ އެތެރޭ ސަރަހައްދު ނުވަތަ “ސެގްމަންޓް 3” އިން ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
މި ހާދިސާގައި މަރުވެފައިވަނީ މޮނިކާ މޮންޓެފަލްކޯން، ޖިއޯޖިއާ ސޮމަކާލް، މުރީއެލް އޮޑެނިނޯ، ޖިއަންލުކާ ބެނެޑެޓީ އަދި ފެޑެރީކޯ ގުއަލްޓިއަރީ އެވެ. މި މީހުން މަރުވާން ދިމާވި ސަބަބެއް ކަމަށް މިހާތަނަށް ބެލެވެނީ “އޮކްސިޖަން ޓޮކްސިސިޓީ” ނުވަތަ ހަށިގަނޑުގައި އޮކްސިޖަން މާ ގިނަވުމުގެ ސަބަބުންނެވެ.
މި ހާދިސާގައި ޖުމްލަ ފަސް މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އިޓަލީގެ ހަތަރު ފަތުރުވެރިންނާއި އެމީހުންގެ އިންސްޓްރަކްޓަރެވެ. އިންސްޓްރަކްޓަރުގެ ހަށިގަނޑު މީގެ ކުރިން 60 މީޓަރު އަޑިން ފެނިފައިވާއިރު، ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ މާ ފުނުންނެވެ.



