ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ މާލީ ބަޔާން އާންމުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މި ބަޔާނުގައި، ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ލިބިވަޑައިގެންނެވި އާމްދަނީ އާއި މިލްކިއްޔާތުގައި ހުރި މުދަލާއި ވިޔަފާރީގެ މަސްލަހަތުތަކުގެ ތަފްސީލު ވަނީ ހިމަނުއްވާފައެވެ.
މާލީ ބަޔާނުގައިވާ ގޮތުން، ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ރައީސަށް މުސާރައިގެ ގޮތުގައި 282,024.00 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭ ރޯހައުސްއަކުން ކުލީގެ ގޮތުގައި 240,000 ރުފިޔާ އަދި އާއިލީގެ، މ. ފިޤް އިން 180,000 ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައިވެއެވެ.
ރައީސްގެ މިލްކިއްޔާތުގައިވާ މުދަލަށް ބަލާއިރު، ވާރުތައިން ލިބިވަޑައިގެންފައިވާ މ. ދިމްޔާތުގެ އިތުރުން، 5.9 މިލިއަން ރުފިޔާގެ ހުޅުމާލެ އެމްބަރ ޓެރަސްގެ އެޕާޓްމަންޓަކާއި، ހއ. ވަށަފަރުގައިވާ 150,000 ރުފިޔާގެ ބިމެއް ހިމެނެއެވެ. އަދި 260,000 ރުފިޔާގެ ކާރެއްވެސް އެމަނިކުފާނުގެ މިލްކިއްޔާތުގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް، ރައީސްގެ އަނބިކަނބަލުންނަށް ދޭ އެލަވަންސްގެ ގޮތުގައި 199,999.98 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އަދި ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން މުސާރައިގެ ގޮތުގައި 78,000 ރުފިޔާ އާއި ހެލްތު މިނިސްޓްރީގެ ކޮންސަލްޓަންޓްގެ މަގާމުން 4,927.32 ރުފިޔާ ލިބިވަޑައިގެންފައިވާކަން ބަޔާނުން އެނގެއެވެ.
މާލީ ބަޔާން ދިން ތާރީޚާ ހަމައަށް ރައީސްގެ ބޭންކް އެކައުންޓްތަކުގައި ޖުމްލަ 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުއްޓެވެ. އެންމެ ގިނަ ފައިސާ ހުރީ ބީއެމްއެލް ސޭވިންގްސް އެކައުންޓުގައެވެ. އެއީ 1,701,470.44 ރުފިޔާއެވެ.
ލޯނާއި ދަރަނީގެ ތަފްސީލަށް ބަލާއިރު، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އިން ނަންގަވާފައިވާ ލޯނަކަށް މިހާތަނަށް ނުދެއްކި އޮތީ 1,319,265.13 ރުފިޔާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.



