ދުނިޔޭގެ ސިއްހީ ނިޒާމު އަލުން ބައްޓަން ކުރުމުގައި ގައުމުތަކުގެ އިސްނެގުމާއި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ރާއްޖޭގެ ހެލްތު މިނިސްޓަރު ގީލާ އަލީ ވާހަކަފުޅު ދައްކަވައިފިއެވެ. މިނިސްޓަރު މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އާންމު ބަހުސްގައި އިއްވެވި ބަޔާނުގައެވެ.
މިނިސްޓަރު ގީލާގެ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާއި ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން، މިއީ ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރަންވީ ވަގުތެވެ. މިފަދަ ގޮންޖެހުންތަކާއެކުވެސް، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ބަލިތައް ކޮންޓްރޯލްކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ އިތުރުން ޑިޖިޓަލް ހެލްތުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޚާއްސަކޮށް ބަލިތައް ނައްތާލުމުގައާއި، ދުންފަތާ ދެކޮޅަށް އާ ޖީލުތައް ރައްކާތެރިކުރުމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު މި ސަރަހައްދަކީ ދުނިޔެއަށް ނަމޫނާ ސަރަހައްދެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ. ދުނިޔޭގެ ސިއްހީ އޮނިގަނޑު އިސްލާހުކުރުމުގައި ގައުމުތަކުގެ އިސްނެގުން މަރުކަޒީކުރުމާއި، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުކުރުމަށް މި ސަރަހައްދުން ބާރުއަޅާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، އިންސާފުވެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ކަށަވަރުކުރުމާއި، ސަރަހައްދީ ގޮންޖެހުންތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި ޑަބްލިއުއެޗްއޯގެ ހުރިހާ ފަންތިއެއްގައި ގާބިލު އަދި ހަރުދަނާ ލީޑަޝިޕެއް އޮތުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބަޔާން ނިންމަވާލައްވަމުން މިނިސްޓަރު ގީލާ ވަނީ، ދާއިރާގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ. ބައިބައިވުމުގެ ބަދަލުގައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުން، މުޅި ދުނިޔޭގެ ސިއްހީ ހާލަތަށް ހަގީގީ ބަދަލެއް ގެނެވޭނެ ކަމުގެ ޔަގީންކަން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



