ރާއްޖެއަށް އަންނަ އެއާލައިންތައް އިތުރުކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ބާރުއެޅުމުގެ ގޮތުން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖެޓް ފިއުލް ވިއްކާ އަގު ލީޓަރަކުން 30 ސެންޓު ހެޔޮކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ލީޓަރެއް 1.9 ޑޮލަރުން 1.6 ޑޮލަރަށް ދަށްކުރުމަކީ ބައިނަލްއަގުވާމީ އެއާލައިންތަކަށް ރާއްޖެއަށް ދަތުރުތައް އިތުރުކުރުމަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށެވެ.
ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުރިން ގިނަ އަދަދެއްގެ ފުލައިޓުތައް ކެންސަލްވި ނަމަވެސް މިހާރު ގަލްފުގެ މޭޖާ ފަސް އެއާލައިނުންވެސް ރާއްޖެއަށް އޮޕަރޭޓުކުރަން ފަށާފައިވާ ކަމަށެވެ. މީގެ ތެރޭގައި އެމިރޭޓްސް އާއި ގަތަރު އެއާވޭސް ފަދަ ބޮޑެތި އެއާލައިންތައް ހިމެނޭއިރު، ނިމުނު އަހަރާ އަޅާބަލާއިރު ރާއްޖެއަށް ގެންނަ ފަސިންޖަރުންގެ އަދަދު ދެ އިންސައްތަ އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މާރިޗު އަދި އެޕްރީލް މަހު ފަތުރުވެރިން އައި މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވި ނަމަވެސް، މިމަހުގެ ތެރޭގައި ކުރީ މަސްތަކާ އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ސަރުކާރާއި ސިނާއަތުގެ ހިއްސާދާރުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި، އަހަރުގެ ފަހުކޮޅު ފަތުރުވެރިން އަންނަ މިންވަރު އިތުރަށް ރަނގަޅުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމީ އެއާލައިން މޯލްޑިވިިއަން އިން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމަކީ ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. އެގޮތުން މެލްބަންއިން މިއަދު މާލެއަށް އައި ވައިޑް ބޮޑީ ފުލައިޓުގެ 92 އިންސައްތަ ފުރިފައި އޮތުމަކީ ކުރިމަގުގައި މި މާކެޓުން ބޮޑު ފައިދާއެއް ލިބޭނެ ކަމުގެ ހެއްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.



