މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި (މީސްލްސް) ޖެހިފައިވާ ހަތް މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. ރާއްޖެއިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިމަބިހީގެ ވޭދަނަތަކެއް ފެނުމާ ގުޅިގެން، ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
އެޗްޕީއޭ އިން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ފެނުނު ހަތް ވޭދަނައާ ގުޅިގެން، ބަލިޖެހުނު މީހުންނާ ގާތުން އެއްތަންވި 74 އަށް ވުރެ ގިނަ މީހުން ވަނީ ދެނެގަނެވިފައެވެ. މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ބަލި ޖެހުނު ގޮތް ދެނެގަތުމުގެ ތަހުގީގުތައް ކުރިއަށްގެންދިއުމުގެ އިތުރުން، ބަލިޖެހުނު މީހުންނާ ކޮންޓެކްޓްވި ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ހިމެނެއެވެ. އެޗްޕީއޭ އިން އިރުޝާދު ދެނީ މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށެވެ.
މި ބައްޔަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުންނާއި ދިފާއީ ބާރު ދަށް މީހުންނަށް ޖެހުމުގެ ފުރުސަތު ބޮޑު ބައްޔެކެވެ. ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ގައުމެއް ނަމަވެސް، އޭގެ ފަހުން 2020 އަދި 2023 ވަނަ އަހަރު ވެސް މި ބަލީގެ ބައެއް ވޭދަނަތައް ރާއްޖެއިން ފެނިފައިވެއެވެ.



