ރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ ނެތް އަދި ރަޖިސްޓްރީ ނުކޮށް ވިއްކަމުންދާ 21 ބޭހެއްގެ މައުލޫމާތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުކޮށްފިއެވެ. މި ބޭސްތަކަކީ ރާއްޖޭގެ އޮންލައިން ޕްލެޓްފޯމްތަކާއި އާދައިގެ ފިހާރަތަކުގައި ގަވާއިދާ ހިލާފަށް ވިއްކަމުންދާ ތަކެތި ކަމަށް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ ކޮންމެ ބޭސަކީ ބޭސް ރަޖިސްޓްރީ ކުރުމުގެ އުސޫލުގެ ދަށުން ރަޖިސްޓްރީކޮށް، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ބޭހަކަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ހުއްދަ ނެތި އެކި ގޮތްގޮތުން ބޭސް އެތެރެކޮށް ވިއްކަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
“މިފަދަ ތަކެއްޗަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވިފައިވާ ބާވައްތަކެއް ނޫން، އަދި ރަޖިސްޓްރީ ނުކުރާ މިފަދަ ބާއްވައްތަކަކީ އެއްވެސްގޮތަކަށް އޭގެ ފެންވަރާއި ރައްކާތެރިކަންވެސް ކަށަވަރު ކުރެވިފައިވާ ތަކެއްޗެއް ނޫން،” އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
މިފަދަ ގޮތް ނޭނގޭ ބޭސްތައް ބޭނުންކުރުމަކީ ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށް އެ އޮތޯރިޓީން އިންޒާރު ދެއެވެ. އެހެންކަމުން، މިފަދަ ތަކެތި އިމްޕޯޓްކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
އެމްއެފްޑީއޭއިން އިތުރަށް ބުނީ، ހުއްދަނެތި ބޭސް އިމްޕޯޓްކޮށް ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާ މެދު ބޭހާ ބެހޭ ގަވާއިދާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.



