ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތަކުން އިނގިރޭސިވިލާތުގައި ނަގަމުންދާ ޓެރިފު ކަނޑައިލުމުގެ އެއްބަސްވުމަކާ ހަމައަށް މި ސަރުކާރުން ގެންގޮސްދީފިއެވެ. މިކަން އިއުލާނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މޭ 20، 2026 އިން ފެށިގެން ދިވެހި މަހުގެ އުފެއްދުންތަކުން ޓެރިފު ނެގުން ހުއްޓާލުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާތީ އެ ގައުމަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ނިންމުމަކީ ދިވެހި ކަޅުބިލަމަހާއި އޭގެ އުފެއްދުންތައް ގަންނަ އިނގިރޭސި ރައްޔިތުންނަށް ލިބޭނެ ލުޔެއްގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމަށް މާނަހުރި ފައިދާތަކެއް ކުރާނެ ކަމެކެވެ. މީގެ ސަބަބުން މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްފުށުގެ ދިރިއުޅުމަށް އެހީތެރިކަން ލިބި، ދެމެހެއްޓެނެވި ގޮތުގައި ކުރާ މަސްވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެއެވެ.
ރާއްޖެއަކީ ދޮށީގެ މަސްވެރިކަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، ޒިންމާދާރުކަމާއެކު ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރާ ގައުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި ކުރިއެރުމަކީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި، އިގުތިސާދީ ވިލުންތެރިކަމަށް ދެ ގައުމުން ދޭ ސަމާލުކަމުގެ ހެއްކެއް ކަމަށެވެ.
މި މުހިއްމު ފިޔަވަޅު އެޅުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށާއި އިނގިރޭސި ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިއީ ރާއްޖޭގެ އިގުތިސާދީ ކުރިމަގަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.



