ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޢައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ. އޭނާއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. ހުވާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭނާއަށް މެންބަރުކަމުގެ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.
ޢަލީ ނަޞީރު މި މަޤާމަށް ޢައްޔަންކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
ޖުމްލަ 10 މެންބަރުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ރާއްޖޭގެ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތައް ބަލަހައްޓައި، ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ހަރުދަނާކުރުމުގެ ޒިންމާ އުފުލާ މުއައްސަސާއެވެ.



