މޫސުމީ ބަދަލުތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހަތަރު މިލިއަން ޔޫރޯގެ ހިލޭ އެހީއެއް ދިނުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއެކު ސޮއިކޮށްފިއެވެ. މި މަޝްރޫއަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އީޔޫގެ ފަރާތުން ސޮއިކުރެއްވި އެއްބަސްވުން ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ، އީޔޫއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މާރިއާ ކާމެން މޮރޭނޯ ރޭމުންޑޯގެ ފަރާތްޕުޅުން، އީޔޫ ޑެލިގޭޝަންގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޖޮހާން ހެސޭއެވެ.
މި މުހިންމު މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރަށު ފެންވަރުގައި މުޖުތަމައުގެ ބައިވެރިވުމާއެކު ދިރުންތައް ރައްކާތެރިކުރުމެވެ. މީގެ އިތުރުން، އައްސޭރިފަށް ހިމާޔަތްކުރުމުގައި ކުޅިތަކުން އަދާކުރާ މުހިންމު ދައުރު އިތުރަށް ފުޅާކުރުމަކީވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތެކެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ގުޅިފައިވާ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އެހީއަކީ ޕެރިސް އެގްރީމަންޓްގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ ނޭޝަނަލީ ޑިޓަމިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) 3.0 ތަންފީޒުކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.



