ހުޅުމާލޭގެ ސްޓެލްކޯ އިމާރާތާ ދިމާލުން ފަޅުތެރެއަށް ފޭބި ދިވެއްސަކު ގެއްލިގެން، އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކޯސްޓްގާޑުން ފަށައިފިއެވެ.
މެރިން ޕޮލިސް އިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 18:30 ހާއިރުއެވެ. ގެއްލިގެން ހޯދަމުންދަނީ ފަޅުތެރެއަށް ވަލެއް އެއްސުމަށްޓަކައި މޫދަށް ފޭބި ދިވެހި ފިރިހެނެކެވެ.
މި މީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ މެރިން ޕޮލިސް އާއި އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ގުޅިގެންނެވެ. ނަމަވެސް، މިހާތަނަށް އެމީހާގެ އެއްވެސް ނިޝާނެއް ފެނިފައިވާކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ، ގެއްލުނު މީހާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށެވެ.



