މިއަހަރުގެ ހައްޖުގެ މުގައްދަސް އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްތިބި ދިވެހި ހުރިހާ ހައްޖުވެރިން މިހާރު މިނާއަށް ގޮސް ނިމިފައިވާ ކަމަށް ދިވެހި ހައްޖު މިޝަންއިން ހާމަކޮށްފިއެވެ. ރޭގެ ވަގުތެއްގައި މިނާއަށް ދިއުމަށް ފެށި ދަތުރުގައި ހުރިހާ ހައްޖާޖީންވެސް އެ ބިމަށް ދެވިފައިވަނީ ރައްކާތެރިކަމާއެކުގައެވެ. ހައްޖު މިޝަންއިން ބުނި ގޮތުގައި، ހައްޖުވެރިން މިރޭގެ ވަގުތެއްގައި އަރަފާތު ބިމަށް ދިއުމަށް ދަތުރު ފަށާނެއެވެ.
ހައްޖު މިޝަންގެ ވެރިޔާ އައްޝައިޚް އިމްތިތާއު އައްބާސް ވިދާޅުވީ، ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށާއި، ހައްޖުގެ މަނާސިކުތައް މިހާރު ފެށިފައިވާ ކަމަށެވެ. އަދި ހައްޖުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެބޭފުޅުންގެ ކަންކަން ގާތުން ބެލުމަށް ހައްޖު މިޝަންގެ ފަރާތުން ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ދިވެހި ތާރީހުގައިވެސް ހާޖީންނަށް ލިބޭނެ އެންމެ މަތީ ފަންތީގެ ހިދުމަތްތައް މިއަހަރު ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ކަމަށެވެ. މިނާއާއި އަރަފާތުގައި ހާޖީންނަށް ބޭނުންވާނެ ހުރިހާ އިންތިޒާމްތަކެއް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ހައްޖު މިޝަނުން ހާޖީންގެ ކަންކަން ވަރަށް ގާތުން ސުޕަވައިޒް ކުރަމުންދާނެއެވެ. އަދި ދިވެހި ސަރުކާރުގެ އަމާޒަކީ ހައްޖުވެރިންނަށް އެންމެ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ، އަޅުކަމުގެ ކަންކަން ލުއިފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.



