ޕީއެންސީގެ ސެނެޓުން އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ކަމެއް ބޭރުކޮށްލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެ ޕާޓީގެ ލީޑަޝިޕުންނާއި ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން ދޮގުކުރައްވައިފިއެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ކޮންގްރެސްގެ ކަންކަން ނިންމުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށް ރައީސް ހުށަހެޅުއްވި ނަމަވެސް، ސެނެޓުން ވަނީ އެކަމަށް އާންމު މެންބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި، ވަކި ގޮތަކަށް ކަމެއް ނިންމުމަށް ރިޔާސަތުން ހުށަހަޅާފައި ނުވާނެ ކަމަށެވެ. ޕީއެންސީއަކީ ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާވާ ޕާޓީއެއްކަން ފާހަގަކުރައްވައި، ފިތުނަ އުފައްދައިގެން ޕާޓީ ބައިބައި ނުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ރައީސް މުއިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ސެނެޓުގައި ނުހިނގާނެ ކަމަށާއި، މެންބަރުންގެ އިތުބާރު ރައީސަށް ފުރިހަމައަށް އެބައޮތް ކަމަށެވެ. އަދި ރައީސް އަބަދުވެސް އިސްކުރައްވަނީ މަޝްވަރާގެ ރީތި އުސޫލު ކަމަށާއި، ސެނެޓުގެ ބައްދަލުވުމުގައި ހުރިހާ ކަމެއް ވެސް ދޫކޮށްލެއްވީ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމުމަށް ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ވަނީ ރައީސް ވަކި ގޮތަކަށް އަމުރު ނުކުރައްވާ ކަމަށާއި، ނަމަވެސް ރައީސް އެދިވަޑައިގަންނަވާ ކޮންމެ ކަމަކަށް ސެނެޓުން ރުހުން ދޭނެ ކަމަށް ވިދާޅުވެފައެވެ. ޕީއެންސީގެ ތަރުޖަމާނު ވެސް ވަނީ ޕާޓީގެ އިސް ބޭފުޅުން ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވަނީ ކަން ހިނގައިދިޔަ ސައްހަ މައުލޫމާތު ކަމަށް ވިދާޅުވެ، ފެތުރެމުންދާ ޚަބަރުތައް ދޮގުކުރައްވާފައެވެ.



