ފުޓްބޯޅައިގެ ސަބަބުން މުޖުތަމަޢުގެ އެންމެން އެކަތިގަނޑަކަށްވެ، ބަދަހި ގުޅުމެއް އުފެދުމަކީ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ މެސެޖުގައި ފުޓްބޯޅައަކީ މުޅި ދުނިޔެ އެއްބައިވަންތަކޮށްދޭ ރީތި ކުޅިވަރެއްގެ ގޮތުގައި ސިފަކުރައްވައި، މި ކުޅިވަރުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް އުންމީދާއި ހިތްވަރު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި، ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުންނަށް މަގުފަހިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ސަރުކާރުން ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ފުޓްބޯޅައިގެ ވަސީލަތްތައް ތަރައްޤީކޮށް، ފީފާގެ މިންގަނޑުތަކަށް ފެތޭ ދަނޑުތައް ބިނާކުރުމުގެ އިތުރުން، ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނެސް ކުޅިވަރުގެ ތަރައްޤީ ލާމަރުކަޒީ ކުރުމަށް މުހިންމު ބަދަލުތަކެއް ވާނީ ގެނެވިފައި ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް މަގުފަހިކުރުމާއި، ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ކޮންމެ އަހަރެއްގެ މެއި މަހުގެ 25 ވަނަ ދުވަހަކީ ދުނިޔޭގެ ފުޓްބޯޅަ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.



