މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ 1000 ހައްޖުވެރިންގެ ތެރެއިން، އެންމެ މީހަކު ފިޔަވައި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ވަދެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ދިވެހި ހައްޖުވެރިން އަރަފާތު ބިމަށް ވަދެފައިވަނީ ރޭ ފަތިހު 3:00 ހާއިރުއެވެ. ހައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ އަރަފާތް ބިމުގައި މަޑުކުރުމަށް ހުރިހާ ހައްޖުވެރިން މިހާރު ތިބީ ތައްޔާރުވެގެންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އަރަފާތަށް ނުގެންދެވި މަޑުކުރަން ޖެހުނު ހަމައެކަނި ހައްޖުވެރިޔާއަކީ މިނާގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހެއް ކަމަށެވެ. “އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދަނީ. އިންޝާ ﷲ އެބޭފުޅާވެސް އަރަފާތަށް ގެންދެވޭނެ. ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެބޭފުޅާއެކު ހަރަކާތްތެރިވަމުން،” ވަޒީރު ވިދާޅުވިއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، ހޮސްޕިޓަލުގައި އޮތް ހައްޖުވެރިޔާ މިއަދުގެ ވަގުތެއްގައި އަރަފާތަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބާކީ ތިބި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށެވެ. ހައްޖުވެރިން އަރަފާތުގައި މަޑުކުރުމަށްފަހު މާދަމާ ރޭ މުޒްދަލިފާއަށް ނުކުންނާނެ ކަމަށްވެސް ޝަކީލް މައުލޫމާތު ދެއްވިއެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް ދަތުރުކޮށްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. އަރަފާތަށްފަހު ހައްޖުވެރިން ދެން ކުރިއަށް ގެންދާނީ މުޒްދަލިފާގައި ރޭކުރުމާއި، ޖަމްރާތަކަށް ހިލައުކުމާއި، ހަދްޔު ކަތިލުމުގެ އިތުރުން ތަވާފުލް އިފާޟާ އަދި ސައުޔު ކުރުމުގެ އަޅުކަމެވެ. ހައްޖުގެ ހުރިހާ ކަންކަން ނިމޭނީ ވަދާއުގެ ތަވާފަށްފަހުގައެވެ.



