ސައުދީ އަރަބިއްޔާގެ ދެ ހަރަމްފުޅުގެ ދީނީ ކަންތައްތަކާ ބެހޭ ރިޔާސަތުން، ކުރިއަށް އޮތް ހައްޖު މޫސުމުގައި އިއްވާ އަރަފާތު ހުތުބާ ދުނިޔޭގެ 35 ބަހަކަށް ތަރުޖަމާކޮށްގެން ފޮނުވުމަށް ނިންމައިފިއެވެ. މި ހުތުބާ ތަރުޖަމާކޮށްގެން ބްރޯޑްކާސްޓް ކުރާނީ ޑިޖިޓަލް ޕްލެޓްފޯމްތަކާއި އެ އިދާރާއާ ގުޅުންހުރި އެކި މީޑިއާ ޗެނަލްތައް މެދުވެރިކޮށެވެ.
ދެ ހަރަމްފުޅުގެ ދީނީ ކަންތައްތަކާ ބެހޭ ރިޔާސަތުގެ އިސްވެރިޔާ ޝައިޚް އަބްދުއްރަހުމާން އަލް ސުދައިސް ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އިސްލާމްދީނުގެ މެދުމިނުގެ މެސެޖު ދުނިޔެއަށް ފޯރުކޮށްދިނުމެވެ. އަދި އަރަބި ބަސް ނޭނގޭ މުސްލިމުންނަށްވެސް ހުތުބާގައި ހިމެނޭ ރޫހާނީ އަދި އިންސާނީ މެސެޖުތަކުން ފައިދާލިބޭނެ މަގު ފަހިކޮށްދިނުމަކީވެސް މިކަމުގެ ބޭނުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝައިޚް ސުދައިސް އިތުރަށް ވިދާޅުވީ، މި ތަރުޖަމާ މަޝްރޫއަކީ އިސްލާމްދީނާއި މުސްލިމުންނަށް ހިދުމަތް ކުރުމަށް ސައުދީ އަރަބިއްޔާއިން ބަހައްޓާ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ހައްޖުވެރިންނަށް ދޭ ހިދުމަތްތައް ފުޅާކުރުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތައްވެސް މިކަމުން ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތް އެންމެ މަތީ ފެންވަރުގައި ކުރިއަށް ގެންދިއުމަށްޓަކައި، ފަންނީ މާހިރުންނާއި މީޑިއާ އަދި ތަރުޖަމާގެ ދާއިރާގެ ހާއްސަ ޓީމުތައް މިހާރު ވަނީ އެކުލަވާލާފައެވެ. މީގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ވީހާވެސް ގިނަ މުސްލިމުންނަށް، އެންމެ ފުރިހަމަ ގޮތުގައި ހުތުބާގެ މެސެޖު ފޯރުކޮށްދިނުމެވެ.
މިއަހަރުގެ އަރަފާތުގެ ހުތުބާ ދެއްވާނީ، އައްޝައިޚް ހުދައިފީ އެވެ.
ކޮންމެ އަހަރެއްގެ ހައްޖު މަހުގެ ނުވަވަނަ ދުވަހު އިއްވާ އަރަފާތު ހުތުބާއަކީ އިސްލާމީ ދުނިޔޭގައި އެންމެ މުހިންމު އެއް ދީނީ ތަގުރީރެވެ. މި ހުތުބާ އަޑުއެހުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން މުސްލިމުން ކޮންމެ އަހަރަކުވެސް ސަމާލުކަންދެއެވެ.



