ބޮޑު އީދާ ގުޅުވައިގެން މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ބާއްވާ “އީދު ހަވީރު 1447” ފެސްޓިވަލުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވާން ނިންމައިފިއެވެ. މި ފެސްޓިވަލް ކުރިއަށް ދާނީ މޭ މަހުގެ 27 އިން 29 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި ހަރަކާތުގައި އެމްއޭސީއެލްގެ ފަރާތުން ހާއްސަ ސްޓޯލްތަކާއި މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް ކުރިއަށް ގެންދާނެއެވެ. އެގޮތުން ދިވެހި ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ކޯޑި ކެނޑުމާއި، ބޮޑުބެރާއި، މާލީގެ ހަރަކާތްތަކުގެ އިތުރުން ކުޑަކުދިންނަށް މަގުބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައް ވެސް އެމްއޭސީއެލްގެ ސްޓޯލުން ފެންނާނެއެވެ.
އާއިލީ ގުޅުން ބަދަހިކުރުމަށް ބާއްވާ މި ހަރަކާތުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ފަނުން ޒީނަތްތެރިކޮށްފައިވާ “ޓްރީހައުސް” އެއް ސްޓޯލްގެ މެދުގައި ހުންނާނެއެވެ. މީގެ އިތުރުން ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް، ބަބުލް ހައުސް، ހީނާ އާޓް އަދި ފޭސް ޕެއިންޓިންގ ފަދަ މަޖާ ކުޅިވަރުތައް ވެސް ވަނީ އިންތިޒާމުކޮށްފައެވެ.
މި އަހަރުގެ އީދު ހަވީރުގެ އެންމެ ހާއްސަ އެއް ހަރަކާތަކަށް ވެގެންދާނީ، ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ތަރި ޢަލީ އަޝްފާޤު (ދަގަނޑޭ) ގެ ފުޓުބޯޅަ ހުނަރުތައް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމެވެ. އެމްއޭސީއެލްގެ ސްޓޯލް ހުންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިރުމަތީ އެންޓްރެންސްގައެވެ.
އެމްއޭސީއެލް އިން ވަނީ ބޮޑު އީދުގެ މި އުފާވެރި ހަރަކާތްތަކުގައި ބައިވެރިވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.



