ހުޅުމާލެއަށް ގިނަ ބަޔަކު ލަފާފުރުމަށް ބޭނުންކުރާ ރަށުގެ ހުޅަނގު ފަރާތު ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ޖެޓީ މިއަދުން ފެށިގެން ވަގުތީގޮތުން ބަންދުކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ގެއްލުންތައް ލިބިފައިވަނީ ޖެޓީއަށް ބާޖެއް ގާތްކުރުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މިވަގުތު އެތަން ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
އެޗްޑީސީން ބުނީ ޖެޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމާއި، މަރާމާތުގެ މަސައްކަތްތައް ނިމި އެތަން އަލުން ހުޅުވާލަންދެން ލަކުޑި ޖެޓީ ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ. “މަރާމާތުގެ މަސައްކަތް ނިމެންދެން އެއްވެސް ބޭނުމަކަށް ލަކުޑި ޖެޓީ ބޭނުން ނުކުރުމަށް އިލްތިމާސްކުރަން،” އެޗްޑީސީގެ ބަޔާނުގައި ވެއެވެ.
ހުޅުމާލޭގެ ހުޅަނގު ފަރާތު މެރީނާ ސަރަހައްދުގައި ހުންނަ މި ޖެޓީއަކީ އާންމުކޮށް ސަފާރީތަކަށް މީހުން އުފުލާ ޑިންގީތަކާއި ގިނަ އަދަދެއްގެ އުޅަނދުފަހަރު ކައިރިކުރާ މުހިންމު ސަރަހައްދެކެވެ. މި ނިންމުމުގެ ސަބަބުން އާންމުންނަށާއި ވިޔަފާރިތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ.



