ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުންނާއި ޖަލު އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަމުން 12:45 އެހައިކަންހާއިރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނަކީ މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އަތުލައިގަނެވުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 13292.395 ގުރާމް ކަމަށް ފުލުހުން ހާމަކުރެއެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.



