ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހައްޖާއި އުމްރާގެ އަޅުކަމަށް މީހުން އުފުލުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ޖުމްލަ 26 ފްލައިޓް ބާއްވައި، 6،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން މިއަހަރުގެ މޭ މަހުގެ ނިޔަލަށް ކުރި މި ދަތުރުތަކުގައި ޖުމްލަ 6،073 ފަސިންޖަރުން ވަނީ އުފުލާފައެވެ.
ގައުމީ އެއާލައިންގެ އޭ330 މަތިންދާބޯޓުގައި ދިވެހި ހައްޖުވެރިން އުފުލުމަށްޓަކައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. މި އެއްބަސްވުމުގެ ދަށުން ހައްޖުވެރިންނަށް ފަސޭހަކަމާއެކު ސައުދީ އަރަބިއްޔާއަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން ދިޔަ 1،019 މީހުން މައްކާއަށް ގެންދިއުމަށްޓަކައިވެސް މޯލްޑިވިއަނުން ވަނީ ދެ ފްލައިޓެއް ބޭނުންކޮށްފައެވެ. މިއީ ދިވެހި ހައްޖުވެރިންނަށް ހާއްސަކޮށްގެން ގައުމީ އެއާލައިނުން ފޯރުކޮށްދޭ މުހިންމު ހިދުމަތެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.
ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރުގެ ހައްޖުވެރިން ސައުދީގައި ޖުމްލަ 22 ދުވަސް ހޭދަކުރާނެއެވެ. އަދި ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު، ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.



