މާލެ ސަރަހައްދުން ހިމަބިހީގެ (މީސަލްސް) ކޭސްތަކެއް ފެނުމާ ގުޅިގެން، ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް އަމާޒުކޮށްގެން ހާއްސަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ. ރާއްޖެއިން 2017 ވަނަ އަހަރު ނައްތާލާފައިވާ މި ބަލީގެ 9 ކޭހެއް މި މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުން ވަނީ ފެނިފައެވެ.
އެޗްޕީއޭއިން ބުނީ ރާއްޖެއިން ހިމަބިހި ނައްތާލެވިފައި އޮތް އޮތުން ދެމެހެއްޓުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން، ބަލި ޖެހުނު މީހުންނާ ގާތްގުޅުން އޮތް ފަރާތްތަކުގެ އިތުރުން، މުޅި އާންމު ރައްޔިތުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފަށާނެއެވެ. މި ކެމްޕޭނަށް ބޭނުންވާ ވެކްސިން ރާއްޖެއިން ބޭރުން ގެނައުމުގެ އިދާރީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
ވެކްސިންގެ ސަބަބުން ބަލީގެ ނުރައްކާ ބޮޑުވެ ފުރާނައަށް ގެއްލުންވުމުން ސަލާމަތްކޮށްދޭކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އެހެންކަމުން، ހިމަބިހީގެ ވެކްސިން ޖެހިކަމުގެ ޔަގީން ލިޔެކިޔުމެއް ނެތް ނަމަ، އެންމެ ރައްކާތެރި ގޮތަކީ އަލުން ދެ ޑޯޒް ފުރިހަމަކުރުން ކަމަށް އެ އިދާރާއިން ބުނެއެވެ. ހާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން މި ބައްޔަށް ސަމާލުވުމަށް ވަނީ އިރުޝާދު ދީފައެވެ.
ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ، މީހުންގެ ތެރެއަށް ނުގޮސް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ބޭރަށް ނުކުންނައިރު މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މިހާރުވެސް އެޗްޕީއޭއިން ދަނީ ބަލި ޖެހުނު މީހުންނާ ބައްދަލުވި ފަރާތްތައް ދެނެގަނެ، އެ މީހުން ޓެސްޓުކޮށް ވެކްސިން ދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.



