ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ދެއްވައިފިއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު، މާލްބަރޯ ހައުސްގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ވަނީ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައި، ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ ގުޅުންތައް ދެމެހެއްޓުމަށާއި ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމަށްފަހު ސެކްރެޓަރީ ޖެނެރަލް ބޮޗްވޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުތަކަށް އިސްކަންދިނުމުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރާއި ބާއްވާ ގާތް ގުޅުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.
“ކޮމަންވެލްތާއެކު ރާއްޖެއިން ބާއްވާ ގާތް ގުޅުމާއި، ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ހިމެނޭ ކުދި ގައުމުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިސްކަންދޭ ކަންކަމުގައި ރާއްޖެއިން ދައްކުވައިދޭ އިސްނެގުމަށް އަޅުގަނޑުމެން އިހުތިރާމް ކުރަން،” ސެކްރެޓަރީ ޖެނެރަލް ލިޔުއްވާފައިވެއެވެ.
މާލްބަރޯ ހައުސްއަށް ފޮރިން މިނިސްޓަރަށް މަރުހަބާ ދެންނެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ބޮޗްވޭ ވިދާޅުވިއެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކޮމަންވެލްތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ކޮމަންވެލްތަކީ 56 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ޖަމްއިއްޔާއެކެވެ. ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމި ފަހުން، ރާއްޖެއިން ދަނީ އެކި ދާއިރާތަކުން އެ ޖަމްއިއްޔާއާ ގާތުން މަސައްކަތް ކުރަމުންނެވެ. އަދި ބައިނަލްއަގުވާމީ މަސްރަހުގައި ކުދި ޖަޒީރާ ގައުމުތަކުގެ ޑިޕްލޮމެޓިކް މަސްލަހަތުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ.



