ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު އިސްތިޢުފާދެއްވައިފިއެވެ. ނާޒިމް މަގާމުން އިސްތިޢުފާދެއްވިކަން ރަސްމީކޮށް އިޢުލާނުކުރެއްވީ މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. ނާޒިމް އިސްތިޢުފާދެއްވިއިރު، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އޮތީ ތާވަލުކޮށްފައެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ، ޤާނޫނުއަޞާސީގެ 82 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ނާޒިމް އިސްތިޢުފާދެއްވީ އޭނާ ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް ވޯޓަށް އެހުމަށް ތައްޔާރުވެފައިވަނިކޮށް ކަމަށެވެ. “މި މައްސަލަ ހުށަހަޅައިގެން މިއަދު އެޖެންޑާކޮށްފައިވަނިކޮށް ޢިއްޒަތްތެރި މެންބަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުގެ މަޤާމުން މިއަދު އިސްތިޢުފާދެއްވާފަ،” މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދާނެ ގޮތް މަޖިލީހުގެ އާއްމު ކޮމިޓީން މިދިޔަ ހަފުތާގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން މުޅި މައްސަލައަށް އެއް ގަޑިއިރު ކަނޑައަޅައި، މެންބަރުން ބަހުސްކުރުމަށް 50 މިނިޓު އަދި ނާޒިމަށް ޖަވާބުދާރީވުމަށް 10 މިނިޓުގެ ވަގުތެއް ދިނުމަށް އޮތީ ނިންމާފައެވެ. ނަމަވެސް ޖަލްސާ ފެށުމުގެ ކުރިން އޭނާ ވަނީ މަގާމުން ދުރަށް ޖެހިވަޑައިގެންފައެވެ.
މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމް ވަކިކުރުމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމީ މިދިޔަ މޭ މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް އިތުބާރު ނެތްކަމަށް ނިންމައި، 73 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ. މި ނިންމުމާއެކު މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށް ހަމަޖެހިފައި އޮތް ނަމަވެސް، އިސްތިޢުފާ ދެއްވުމާ ގުޅިގެން އެ މައްސަލަ މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.



