ވޭތުވެދިޔަ ސަރުކާރުތަކުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ވަށާޖެހޭ ސިޔާސަތެއްގެ ދަށުން އެންމެ އެދެވޭ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ތިމާވެށްޓާއި ތަރައްގީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތު ގެނެސްދޭ “ދަ ޕަލްސް” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ތިމާވެށްޓަށް ލިބޭ ގެއްލުންތަކަށް ބެލުމުގެ ބަދަލުގައި އިސްކަންދީފައިވަނީ އެހެން ކަންކަމަށް ކަމަށެވެ.
މި ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބިން ހިއްކުމަކީ ތަރައްގީއަށް ބޭނުންތެރި ކަމެއް ނަމަވެސް އެކަން ކުރަންވާނީ ތިމާވެށި ހިމާޔަތްކުރެވޭނެ ގޮތަކަށް ކަމަށެވެ. މިސާލެއްގެ ގޮތުން ރަސްމާލެ މަޝްރޫޢު ފާހަގަކުރައްވައި، ތަރައްގީއާއި ތިމާވެށި ގުޅިލާމެހިގެންދާނެ ގޮތަކަށް މުސްތަގުބަލް ބައްޓަންކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ބައިނަލްއަގްވާމީ މައިދާނުގައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ރާއްޖެއިން އިސްނަގައި ވަކާލާތު ކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ރާއްޖެ ފެހިކުރުމަށް ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ މިފަދަ އެންމެ ބޮޑު ހަރަކާތްކަން ރައީސް ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ގަސް އިންދާފައި ވާއިރު، އެކި މުއައްސަސާތަކުން ވަނީ ޖުމްލަ 6.4 މިލިއަން ގަސް އިންދުމަށް އަމާޒު ހިފާފައެވެ. ރައީސް ވަނީ މި މަސައްކަތުގައި ހުރިހާ ރައްޔިތުންނާއި ޒުވާނުން ފަރުދީ ޒިންމާއެއްގެ ގޮތުގައި ބައިވެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.
މި މަޝްރޫޢުގައި ޚާއްސަ އިސްކަމެއް ދެނީ ރާއްޖެއިން ނެތެމުންދާ ކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް އާލާކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަރައްގީގެ ބައެއް މަޝްރޫޢުތަކުގެ ސަބަބުން ގަސް ކަނޑަން ޖެހުނު ނަމަވެސް، އެ މަޝްރޫޢުތަކާއެކު އިތުރު ގަސްތައް އިންދައި ރާއްޖެ ފެހިކުރުމުގެ މަސައްކަތަށް ސަރުކާރުން އަބަދުވެސް ސަމާލުކަން ދޭނެ ކަމަށް ވިދާޅުވެ ރައީސް ވަނީ ޔަގީންކަން ދެއްވާފައެވެ.



