މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކޮށްފިއެވެ.
މިފްކޯ އިން މީގެ ދެ ދުވަސް ކުރިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު، މިފްކޯގެ ހުރިހާ ބަނދަރަކުން ވެސް ކަޅުބިލަ މަސް ކިލޯއެއް ގަތީ 18 ރުފިޔާ 50 ލާރިއަށެވެ. އެކަމަކު, މިއަދު އެ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.
އަގަށް އައި މި ބަދަލާއެކު، މިފްކޯގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ކާރުހާނާތަކުގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގއ. ދާންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުތަކުން މިއަދުން ފެށިގެން މަސް ގަންނަމުންދާނީ މި އާ އަގުގައެވެ.
މިފްކޯއިން މަސް ގަންނަ އަގު ބޮޑުކުރި މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މަސްވެރިކަން ދަށް ދުވަސްވަރެކެވެ.



