ސިއްހީ ސަބަބުތަކަށްޓަކައި ފިނޭންސް މިނިސްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ނަމަވެސް، ރައީސް މުއިއްޒުގެ ސިޔާސަތުތައް ކުރިއެރުވުމުގައި ދެމިހުންނަވާނެ ކަމަށް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީ އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޒަމީރު ވަނީ ދުނިޔޭގެ މަސްރަހާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ފިނޭންސް މިނިސްޓަރުގެ މަގާމަކީ ނުހަނު ބުރަ ޒިންމާތަކެއް އުފުލަންޖެހޭ މަގާމެއްކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން އެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމަށް އުނދަގޫތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.
މަގާމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، ސިއްހީ ހާލަތުގެ ސަބަބުން މަގާމުގައި ގިނަ ވަގުތު ހޭދަނުކުރެވޭނަމަ އެ މަގާމު ހިސޯރުކޮށްގެން ހުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ޕީއެންސީގައި މަގާމުތަކުގެ ޒިންމާ އުފުލޭނެ ފަދަ ގާބިލު ޒުވާނުން ތިބިކަން ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަމަށް ޒަމީރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މަގާމުން ވަކިވި ނަމަވެސް ސިޔާސީ މައިދާނުން ގެއްލިވަޑައިނުގަންނަވާނެ ކަމަށެވެ.



