މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމު އޮތް ދަރަނީގެ އަނދަވަޅުގެ ފުންކަން ހާމަކޮށްދެއްވައި، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ޖުމްލަ 1.2 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދ. މީދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ދެއްކި ދަރަނީގެ ބޮޑު އިންސައްތައަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ކަމަށާއި، އޭގެ ތެރެއިން 891.2 މިލިއަން ޑޮލަރަކީ އެމްޑީޕީގެ ފާއިތުވި ފަސް އަހަރުގެ ދަރަނި ކަމަށެވެ.
ރައީސް ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރުކާރުން ދެއްކި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ރައީސް ޔާމީނުގެ ސަރުކާރުގެ 195.7 މިލިއަން ޑޮލަރާއި، ރައީސް ނަޝީދާއި ރައީސް ވަހީދުގެ ސަރުކާރުގެ 62.5 މިލިއަން ޑޮލަރުގެ އިތުރުން ރައީސް މައުމޫނުގެ ސަރުކާރުގެ 38.1 މިލިއަން ޑޮލަރު ހިމެނެއެވެ. ނަމަވެސް މިހާތަނަށް ދެއްކި ދަރަނީގެ ތެރެއިން މި ސަރުކާރުން ނެގި ދަރަނީގެ ގޮތުގައި ހިމެނެނީ އެންމެ ހަތަރު މިލިއަން ޑޮލަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކުން މި ސަރުކާރުން ބޮޑެތި ދަރަނިތައް ނަގާ ކަމަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ދައްކަން ހުރި ދަރަނީގެ ތެރޭގައި ވެސް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކުރީގެ ސަރުކާރުގެ ދަރަނިތައް ކަމަށެވެ. އެގޮތުން 2018 އިން 2023 އަށް އުފެއްދި ދަރަނީގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ދައްކަންޖެހޭ 1.14 ބިލިއަން ޑޮލަރު އެބައޮތް ކަމަށާއި، މި ސަރުކާރުން ނެގި ދަރަނީގެ ތެރެއިން ކުރިއަށް އޮތީ 219.7 މިލިއަން ޑޮލަރު ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 123.6 އިންސައްތާގައި ހުރި ދަރަނި، މިހާރު 121.2 އިންސައްތައަށް ތިރިކުރެވިފައިވާ ކަމަށެވެ. މިއީ ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



